Friday, November 25, 2011

ނަވިނެތަމް ޕިއްލޭގެ ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ



އދގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރ ނަވިނެތަމް ޕިއްލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ދިވެހިންނަށް ހަގީގަތް އޮޅި، ދީނީ ބައިބައިވުމަކަށް ގޮސްދާނެތީ އަޅުގަނޑު ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މިފަދަ ފިތުނައަކުން ގައުމު ސަލާމަތް ކުރުމަށްޓަކާ ހައްދު ޖެހުމާ، ޒިނޭ ކުރުން ފަދަ ކަންތައްތަކާ ބެހޭ ގޮތުން އަދި ހާއްސަކޮށް އިސްލާމުދީނުގައި އަންހެން ކަނބަލުންނަށް ދީފައިވާ އިޙްތިރާމާ ގަދަރު ހާމަކޮށްދިނުމަށް ދީނީ ދަންނަ ބޭކަލުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ގޮވާލަމެވެ. އަޅުގަނޑު ދެކޭ ގޮތުގައި ނަވިނެތަމް ޕިއްލޢޭގެ ވާހަކަތަކަކީ އަގީދާގެ ގޮތުން ދިވެހިން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި އިތުރަށް ބަލިކަށި ކުރުމަށް ދީފައިވާ ފިކުރީ ހަމަލާތަކެކެވެ. އަދި ނަވިނެތަމް ޕިއްލޭގެ ވާހަކަތަކުގެ ސަބަބުން ބައެއް ދިވެހިންގެ ހިތުގައި ދީނާ މެދު ސުވާލު އުފެދި ހަގީގަތް އޮޅޭ ގޮތްވަމުންދާކަން ވެސް ފާހަގަ ކުރަމެވެ. ވީމާ މިއީ ދިވެހިންގެ އަގީދާގެ ބަލިކަށިކަން ދެނެގަނެ އަގީދާ ހަރުދަނާ ކުރުމަށް މަސައްކަތް ފަށަންވީ ވަގުތެވެ.
އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ނަވިނެތަމް ޕިއްލޭގެ ވާހަކަތަކަށް ހަމައެކަނި ރައްދު ދިނުމަކީ އިސްލާމިކް މިނިސްޓަރުގެ ޒިންމާ އަދާކުރުމެއް ނޫނެވެ. މިދަނޑިވަޅުގައި ދީނީ ދަންނަ ބޭކަލުންނާ އެކު ރައްޔިތުންނަށް ޖެހިފައިވާ ވަބާއިން ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި ސަރުކާރުގެ ތެރެއިން މިމަސައްކަތަށް މަގުފަހިކޮށް ދެވެން ޖެހޭނެއެވެ.
ނަވިނެތަމް ޕިއްލޭ މަޖިލިހުގައި ދެއްކި ވާހަކަތައް އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މަޖިލީހުގެ ތެރޭގައި މިފަދަ ވާހަކަތަކެއް ދެކެވުނު އިރު، މަޖިލީހުގެ ބައެއް އިއްޒަތްތެރި ބޭކަލުން އެވާހަކަތައް ކަނުލާ އަޑުއަހަން އެއްވެސް ހަރަކާތެއް ނެތިފައި ތިބި ތިބުމަކީ އެބޭކަލުން ހިންގި ފިނޑި އަމަލެކެވެ. އެބޭކަލުންގެ މިއަމަލު ވެސް ކުށްވެރި ކުރަމެވެ.
އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ފަސްގަނޑުގެ އެއްވެސް ހިސާބެއްގައި އިސްލާމްދީނަށް ހުތުރުވާ ގޮތަށް އަދި ދީނުގެ އަސާސްތަކާ ހިލާފުވާ ގޮތަށް އެއްވެސް ވާހަކައެއް ދެކެވިގެން ނުވާނެއެވެ. މިމައްސަލާގައި ނަވިނެތަމް ޕިއްލޭގެ މަގާމަށާ އޭނާގެ ހައިސިއްޔަތަށް ބެލުމެއް ނެތި އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ. އެހެން ނޫނީ ދީނަށް ފުރައްސާރަ ކުރުމަކީ އެއްވެސް ޖެހިލުމެއް ނެތި ކުރެވޭ ކަމަކަށް ވެދާނެއެވެ. ވީމާ ނަވިނެތަމް ޕިއްލޭއާ މެދު ފިޔަވަޅު އެޅުމަކީ ތަންފީޒީ އިދާރާތަކުންނާ ސަލާމަތީ ބާރުތަކުގެ މައްޗަށް މިހާލަތުގައި ވާޖިބު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.

No comments:

Post a Comment