Saturday, December 3, 2011

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާ ބެހޭ



އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެނެސްފައިވާ އިސްލާހު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވާފައިވާތީ އަޅުގަނޑު ރައީސް ނަޝީދަށާ ސަރުކާރާ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު ދަންނަވާ މަރުހަބާ ކިޔަމެވެ.
އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެނެސްފައިވާ ނުވަވަނަ އިސްލާހުގައި ޖީއެސްޓީ ނަގަމުންދާ އިތުރު ބާވަތްތަކަކުން ޑިއުޓީ މާފް ކުރުމަށް ނިންމާފައިވާތީ އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަމެވެ. އަދި މިއީ ރަނގަޅު ދުޅަ ހެޔޮ އިގްތިސާދަކާ ދިމާލަށް މިސްރާބު ޖެހުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަން ވެސް ފާހަގަ ކުރަމެވެ. ނަމަވެސް ހިތާމައާ އެކު މިފިޔަވަޅު އެޅުމުގައި މަސްއޫލުވެރި ފަރާތްތަކުން މާބޮޑަށް ލަސްކޮށްފައިވާކަން ވެސް ފާހަގަ ކުރަމެވެ. އަދި ޑިއުޓީ މާފް ކުރުމަށް ނިންމާފައިވާ ތަކެތީގެ ލިސްޓަށް ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފެށީ ނަމަވެސް ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލެއް އެހާ އަވަހަށް އަގުތަކަށް ނާންނާނެ ކަން ވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ހަދުމަފުޅުކޮށް އަރުވަމެވެ. ސަބަބަކީ އަދިވެސް ޑޮލަރުގެ ހަމަ އަގެއް ނުފެނިފައި ވުމާ، ޑީއުޓީ މާފް ކުރުމަށް ނުވަވަނަ އިސްލާހުގައި ފާސްކޮށްފައިވާ ބައެއް ތަކެތި ގިނަ އަދަދަކަށް ވިޔަފާރިވެރިން އިމްޕޯޓުކޮށް ގުދަންކޮށްފައިވާތީއެވެ.
ބުރާސްފަތި ދުވަހު ރައީސް ތަސްދީގު ކުރައްވާފައިވާ އިސްލާހުތަކުގެ ތެރެއިން ބައެއް އިސްލާހުތަކަކީ ޖީއެސްޓީ ނަގަން ފެށުމުގެ ކުރިން ގެންނަން ޖެހޭ އިސްލާހުތަކެކެވެ. ޖީއެސްޓީ ނަގަން ފެށި އިރު މިއިސްލާހުތައް ގެނެވިފައި ހުރި ނަމަ ނުވަވަނަ އިސްލާހުގައި ޑިއުޓި މާފް ކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ އަގުތައް މިހާރު މައްޗަށް ގޮސްފައިވާ ވަރަށް ނުދާނެ ކަން ކަށަވަރެވެ.
މިފުރުސަތުގައި ގައުމަށް ހެޔޮ އެދޭ ނަމަ ރައްޔިތުންގެ މަޖިލީހާ ސަރުކާރާ ރައީސް ނަޝީދުވެސް މިފަދަ ޅަ އެއްޗެހި އެޅުއްވުމުގެ ބަދަލުގައި ކުރިއަށް ވިސްނައިގެން ކަންތައްތައް ކުރުމަށާ މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވުމަށް ގޮވާލަމެވެ.

No comments:

Post a Comment