މުޅި ދުނިޔޭގައި މީގެ ކުރިން ރާއްޖެ މަޝްހޫރުވެފައި އޮތީ، އިންޑިއާ ކަނޑުގައި އޮތް މުތީގެ ހާރެއްގެ ގޮތުގައެވެ. މުޅި ދުނިޔެއަށް ރާއްޖެ މިހާރު މަޝްހޫރުވެފައިވަނީ ކަނޑަށް އަރަގުވުމުން ސަލާމަތްވާން މަސައްކަތް ކުރާ ގައުމެއްގެ ގޮތުގައެވެ. މިއަދު ބަލައިލި ކޮންމެ ދިމާއަކުން މިފެންނަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަޑިއަށް ހިނގައިދާނެތީ އެކަމައި ކަންބޮޑުވެގެން ދިވެހި ސަރުކާރުގެ އިސްވެރިން ނުވަތަ ކޮންމެވެސް ދިވެއްސަކު ދައްކާ ވާހަކަތަކުގެ އަޑުތަކެއްވެ. މިބުނާ އަރަގުވުމުގެ ވާހަކައަކީ އަދި ވުމަށް ވުރެ ނުވުން ގާތް ވާހަކައެކެވެ. ކަނޑުގެ ލޮނުގަނޑު ވަކިވަރަކަށް ވުރެ މައްޗަށް އުފުލިއްޖެ ނަމަ ރާއްޖޭގެ ރަށްތައް ފެނުގެ އަޑިއަށް ހިނގައިދާނެ ކަމަށް ބައެއް ސައިންސްވެރިން ބުނަމުންދާ އިރު، ކަނޑުގެ ލޮނުގަނޑު އުސްވާ މިންވަރަށް ރަށްތައް ވޮޑެމުންދާ ކަން އެއީ ވެސް ހަގީގަތެކެވެ. ސައިންޓިފިކް މިހަގީގަތުގެ މައްޗަށް ބުރަވެ ތިބެ އަވަސް މުސްތަގު ބަލެއްގައި ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ލަފާ ނުކުރާ އެތައް ބަޔަކާއި ރިޕޯޓުތަކެއް ވެސް އެބަހުއްޓެވެ. ކޮންމެ އަކަސް އަޅުގަނޑުގެ މަގުސަދަކީ ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ބުނާ ސައިންސްވެރިންނާއި ބޭކަލުންނާއި ޖަދަލު ކުރުމެއް ނޫނެވެ.
ރާއްޖެ ފަހަރެއްގައި އަޑިއަށް ހިނގައިދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމާއި ބިރުން ސާލުލައިގެން ތިބި އެތައް ދިވެހިންނެއް ވެސް އެބަތިއްބެވެ. ނަމަވެސް ދިވެހިން ތިބީ އެއަށް ވުރެ މާ ވަރުގަދަ ޣާފިލުކަމުގެ ނިންޖެއްގައި ނިދާފައެވެ. ވަކި ކަންތައްތަކެއް ވެއްޖެ ނަމަ މާތްﷲ އެކަލާނގެ ކޯފާއާއި ލައުނަތް އެބައެއްގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަން، ރަނގަޅަށް އެނގި ތިބި އިރު މި ދިވެހި ވަތަންގައި އެކަންތައްތައް ތަކުރާރުވަމުން އެބަދެއެވެ. މިކަމާ ކަންބޮޑުވަނީ ކިތައް ދިވެހިން ހެއްޔެވެ؟ ފާހިޝް ކަންތައްތަކާއި ބޮޑެތި ކުށްތަކަށް ފާޅުގައި އަރައިގަނެ ޒިނޭ އާއްމު ވަމުންދާ އިރު، މިބީދައިން ކަން ހިނގާފައިވާ ގައުމުތަކަށް ޖެހުނު ހާލު ދިވެހިންނަށް ފަހެ ނޭނގެނީ ހެއްޔެވެ؟ ލޫތުގެފާނުގެ ގައުމު ސަދޫމުގެ ވާހަކަ ދިވެހިންނަށް ނޭނގެނީތޯއެވެ؟
ތިޔަ އެންމެ ބޭކަލުންނަށް އަޅުގަނޑު ހަދުމަށްކޮށް އަރުވާނަމެވެ. ލޫތުގެފާނުގެ ގައުމު ސަދޫމަކީ އެއްޒަމާނެއްގައި މުޅި ދުނިޔޭގެ ތާރީހުދުށް އެންމެ ފާހިޝު އަމަލުތައް ގިނަ، މާތްﷲ ނަހީ ކުރެއްވި ހުރިހާ ކަމެއް އިންތިހާއަށް ކުރަމުން ދިޔަ ގައުމެކެވެ. އެއްޖިންސުން ގުޅުން ހިނގުމާއި މަގުމަތީގައި ޒިނޭ ކުރުމާއި ޖުވާ ކުޅުމާއި، ފޭރުމާއި، މަކަރު ހެދުމެވެ. ލޫތުގެފާނުގެ ގައުމުގެ ނިމުން އައިސްފައިވަނީ މާތްﷲ ކޯފާ ލައްވާ އެރަށް އެފުށް މިފުށަށް ޖައްސަވައިގެންނެވެ. މިކަން ކީރިތި ގުރުއާނުގައި މާތްﷲ ވަރަށް ސަރީހަ ބަހުން ބަޔާން ކުރައްވާފައިވެއެވެ.
ޝައްކެއް ވެސް ނެތެވެ. އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ މުސީބާތަކީ އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި މިފަދަ ކޮންމެ ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސު އިސްލާހުކޮށްގެން ނޫނީ ސަލާމަތްތެރިކަން ލިބޭނެ ކަންތައްތަކެއް ނޫނެވެ. ވީމާ މުސީބާތްތަކައި އާފާތްތަކުން ސަލާމަތްތެރިވުމަށް އެންމެ މޮޅު ގޮތަކީ ތިމާގެ އަމިއްލަ ނަފުސު އިސްލާހު ކުރުމުވެ. އެއަށްފަހު މުންކަރާތްތައް ނަހީ ކުރުމުވެ. އަތުން ކުރެވޭ މީހާ އަތުންނެވެ. އަތުން ނުކުރެވޭ މީހާ ދުލުންނެވެ. ދުލުން ވެސް ނުކުރެވޭ މީހާ ހިތުންނެވެ.
No comments:
Post a Comment