Tuesday, October 11, 2011

އަހަރެން ހަމަ އަޖައިބު އަންތަރީސް ވެއްޖެއެވެ




މިމަހުގެ ދެވަނަ ދުވަހު ނުވައެއް ޖެހި އިރު، ކުރިމިނަލް ކޯޓަށް ހާޒިރުވެ އަހަރެން އިނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ޝަރީއަތުގެ މަޖިލިސް އަޑު އަހާލުމުގެ ބޭނުމުގައެވެ. ކުރިމިނަލް ކޯޓުގައި އޮންނަ އަޑު އެހުންތަކަށް އެކި ހައިސިއްޔަތުތަކުން ހާޒިރުވާ މީހުން ތިބޭ ސަރަހައްދުގައި އަހަރެންވެސް ގޮސް އިށީނީމެވެ. އޭރު ނާޒިމު ވެސް އޭނާގެ ގާނޫނީ ވަކީލާއެކު ކޯޓަށް ހާޒިރުވެ އިންނެވިއެވެ. އަހަންނާއެކު ބައެއް އެހެން ނޫސްވެރިން ވެސް އަޑުއެހުމަށް ހާޒިރުވެ ތިއްބެވެ. މިހާ ހިސާބުން އަހަރެން ކިޔައިދޭން މިއުޅޭ އަސްލު ވާހަކަ ފައްޓާނަމެވެ. ގޮނޑިބަރީގައި ބައިތިއްބާފައި ތިބި އަންހެން ދެ ގައިދީއަކު ވަރަށް ހުތުރު ގޮތަކަށް އެތަނުގައި ތިބި ފުލުހުންނާއި މުހާތަބުކޮށް ވާހަކަ ދައްކަމުން ދިޔައެވެ. އަދި ގޮޑިތަކުގައި ތިބި ބައެއް މީހުން އެމަންޒަރު ބަލަން ފެށުމުން ބައެއް ފަހަރަށް އެމީހުންނަށް ދޯ ދިއްކޮއްލާ ހަދައެވެ. އަހަރެންގެ ވެސް ކަންފަތް ސަލާމަތުން ހުރުމައި އެކު އަޑު ނާހަން އިން ކަމަށް ވިއަސް އެމީހުން ދައްކަމުން ދިޔަ ވާހަކަތައް ކޮންމެވެސް ވަރަކަށް އަޑުއިވުނެވެ. ދައްކާ ވާހަކަތަކުން އެދެމީހުން ވެސް ތިބީ ކޮންމެވެސް ވަރަކަށް މަސްތުވެ ދުނިޔޭގެ ހޭވެރިކަމުން ނެއްޓިފައިކަން އިހްސާސް ކުރެވެއެވެ. އޭގެތެރެއިން އެކަކުގެ ދެލޯވެސް ރަނގަޅަށް ނުހުޅުވެއެވެ.އެމީހުންގެ ވާހަކައިގެ ތެރޭގައި އެއްކަލަ ކަހަލަ އެތި ކޮޅެއް ލިބޭތޯއައި އެމީހުންނަށް ވެފައި ތިބި ގޮތާއި މެދު ވެސް ގޮޑިތަކުގައި ތިބި މީހުންނާއި ސުވާލު ކުރެއެވެ. އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެން ފެށިއެވެ. ޖަލުތަކުގައި ތިބޭ މީހުން އެތަނުގައި ތިބޭތާ އެތައް ދުވަހެއް ފަހުން ކުރިމިނަލް ކޯޓަށް ހާޒިރު ކުރެވޭ އިރުވެސް މަސްތުގެ ހާލުގައި ތިބެންޖެހޭނީ ހާދަ ވަރަކަށް ޖަލުތައް ބެލެހެއްޓެތީތާއެވެ. ރަނގަޅަށް މައުލޫމާތު އޮޅުން ފިލުވާލުމުން މިދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އެރޭ ފުލުހުން ހައްޔަރުކޮށްފައި ތިބި ބައެއްކަން އެނގުނެވެ. ކޯޓަށް އެދެމީހުން ހާޒިރުކޮށްފައި ތިބީ، ފުލުހުން ކުރަމުން ދިޔަ ތަހުގީގަށް ބަންދުގައި ބޭއްތިއްބުމަށް ކޯޓު އަމުރުހޯދުމަށެވެ. މައުލޫމާތުތައް އެނގި ސާފުވުމުން އެދެމީހުންގެ އުޅުން ހުރި ގޮތުން އަހަރެން މާބޮޑަށް އަޅައިގަންނަ ކަހަލަ ކަމަކަށް ނުވިއެވެ. އަނެއްކާވެސް މަޑުމަޑުން ގޮސް ކުރިން އިން ގޮޑީގައި އިށީނީމެވެ. އޭގެ ފަސްމިނުޓު ފަހުން ފެނުނު މަންޒަރަކީ އަދި މާހެއްވާ މަންޒަރެކެވެ. އަޑުއެހުމަކަށް ވައްދާފައި ހުރި މީހަކު އޭނާ ލައިގެން ހުރި މުންޑުގަނޑު ބާލަމުން ހެއްދެވި ނެހެއްދެވިއަށް ގޮވަމުން މިއޮއް ނުކުންނަނީއެވެ. އަޑުގެ ކޮޅު ނެތް ކޮޅަށް އޭނާ ގޮވަމުން ދިޔައެވެ. "ކިހާބޮޑު ބަލާއެއް، މަ މޭކަޕްކޮށްފަ، ލިޕްސްޓިކު އުގުޅުވައިގެން ޑާންސް ކުރަން ސްޓޭޖަކަށް އަރުވަންވީނުން". އޭރުވެސް އޭނާ ހުރީ ދެއަތް ބިޑި އަޅުވާފައެވެ. އޭނާ ކިޔަމުން ދިޔަ އެއްޗެހިން އަހަންނަށް ވެސް ކުޑަކޮށް ހެވޭ ކަހަލަ ގޮތެއްވިއެވެ. މިފަހަރުވެސް ގޮސް މައުލޫމާތު ސާފުކޮށްފީމެވެ. ހަމަ ގައިމުވެސް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ބަލާއަށް ގޮވަމުން ކޯޓު ތެރޭގައި އަޑުގަދަ ކުރުމަކީ ވަގުތުން ހުކުމް އިއްވާވަރުގެ ކުށެކެވެ. މިމީހާއަށް އެކަން ނުވިސްނުނީތީ އަހަރެން ހައިރާނެއް ނުވެއެވެ. އެއީ އޭނާ ވެސް ހުރީ ދުނިޔޭގެ ހަމަހޭވެރިކަން ނެތް ހާލަތެއްގައިކަން އަހަންނަށް އެނގޭތީއެވެ. އޭނާ ރުޅި އައިސްގެން އުޅެނީ ހެކި ބަސް ނެގުމަށް އޭނާގެ ނުރުހުމުގައި، ގަދަ ކަމުން ވުޟޫ ކުރުވާ، ނުރުހުމުގައި މުންޑެއް އަނދެފައިވާތީއެވެ. މިފަހަރު އަހަރެން ހަމަ ރަނގަޅަށް ވެސް ހައިރާންވިއެވެ. އެއީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހަކު މަސްތުގެ ހާލަތުގައި ހުއްޓަ ފެނުމުންނެވެ. އޭނާ މަސްތުވުމަށް އެބޭނުން ކުރި އެއްޗެއް ހޯދި ގޮތަކާއި މެދުއެވެ. ހަމަ ގައިމުވެސް ގައިދީން މަސްތުވާވަރުގެ އެއްޗެއް ޖަލުގެ ތެރެއިން ލިބޭކަށް ނުހުންނާނެއެވެ. އެއްވެސް ވިސްނުމެއް ނެތި ތިމާ ހިތަށް އެރިހާ އެއްޗެއް ގޮވަމުން ހިތުހުރި ގޮތަކަށް ތަންތަނުގެ ހުރުމަތް ކަނޑަމުން ދިއުމަކީ ހަމަހޭގައި ހުރި މީހަކު ކުރާނެ ކަމެއް ނޫނެވެ. މިމީހާއަކީ ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. އޭނާއަކީ ބުއްދި ގޯސްމީހެއް ވެސް ނޫނެވެ.
މިއީ ޖަލުތަކުގައި ތިބޭ މިހުންގެ ހާލަތު ކަމަށްވާނަމަ، މަސްތުވާތަކެތި ތަކެތި ބޭނުން ކޮށްގެން އަދަބު ދިނުމުގެ އެއްވެސް މަންފާއެއް ނެތެވެ. އޭނާ ޖަލަށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ނަމަވެސް އޭނާ ޖަލަށް ލުމުގެ މަގުސަދު ފުރިހަމައެއް ނުވެއެވެ. ޖަލުގައި ހުއްޓަސް ބަރާބަރަށް އޭނާއަށް މަސްތުވާތަކެތި ލިބެއެވެ. މިއީ ނުރައްކާތެރި ކަމެކެވެ. ޖަލުތަކުގައި ތިބޭ މީހުން މަސްތުވާތަކެތި ބޭނުން ކުރާ އިރު، އެހެނިހެން ކުށްކުށުގައި ޖަލަށް ލާ މީހުން ވެސް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެން ހިނގައިދާނެ ކަމާއި މެދު އަހަންނަށް މިހާރު ސުވާލު އުފެދެއެވެ.
އަހަރެންގެ މިވާހަކަތައް ނިންމާލަމުން އަދި، ވާހަކައިގެ މަޖާ ތަންކޮޅެއް ކިޔައިދޭނަމެވެ. އޮކްޓޮބަރު މަހުގެ ދެވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރެވިފައި ތިބި ދެ އަންހެނުން ހެންވޭރު ސަހަރާ ކައިރީގައި މަސްތު  ވެގެން ތިބި ހާލު އުޅެމުންދަނިކޮށް  އޭގެ ހަފްތާއެއް ފަހުން އަހަރެންގެ ދެލޮލުން ދުށިމެވެ.
ކަން މިހެން އޮތް އިރު، މަސްތުވާތަކެތީގެ ދޮރުތައް ބަންދުކޮށް މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތް ކުރެވޭނެ ކަމާއި މެދުވެސް އަހަންނަށް ސުވާލު އުފެދެއެވެ.

No comments:

Post a Comment