އާއިލާއާއި އެކު ޗުއްޓި ދަތުރުފުޅެއްގައި އިޒްރާއިލުން ހިސާރުކޮށްފައިވާ ހުޅަނގު ބިތަށް ވަޑައިގެން އުޅުއްވަނިކޮށް މިމަހުގެ ދިހަވަނަ ދުވަހު އިޒްރާއިލުގެ ސިފައިން ހައްޔަރުކޮށްފައިވާ ސީނިއަރ ނޫސްވެރިއެއް ކަމަށްވާ ސަމީރު އައްލާވީ ހައްޔަރު ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރި ކުރަމެވެ. އަދި ވަގުތުން ސަމީރު އައްލާވީ މިނިވަން ކުރުމަށް ވެސް އިޒްރާއިލަށް ގޮވާލަމެވެ. އިޒްރާއިލު ސިފައިންގެ މިއަމަލަކީ މިނިވަން މީޑިއާއަށް ހުރަސް އެޅުމަށް ހިނގާފައިވާ ވަރަށް ނާތަހުޒީބު އަމަލެކެވެ. އިޒްރާއިލު ސިފައިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނާއި ދެކޮޅަށް ހިނގާ މިފަދަ ޖަރީމާތަކުގެ ސަބަބުން އިޒްރާއިލުގެ އަމަލުތައް ފަރުދާވެ ސިއްރުވާނެ ކަމަށް ހީނުކުރާށެވެ. ސަމީރު އައްލާވީ ހައްޔަރު ކުރުމުގައި އޭނާއައި ހަމާސް ޖަމާއަތާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް، މިހާތަނަށް އިޒްރާއިލަށް އެފަދަ އެއްވެސް ހެއްކެއް އަދި ގަރީނާއެއްވެސް ދެއްކިފައި ނުވާކަން ފާހަގަކޮށްލެވެ. ސަމީރު އައްލާވީ ހައްޔަރު ކުރި މައްސަލާގައި މީޑިއާގެ މިނިވަންކަން ހޯދާދިނުމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާތަކުން އެކަށިގެންވާ މަސައްކަތެއް ނުކުރާ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. މިފުރުސަތުގައި ސަމީރު އައްލާވީ މިނިވަން ކުރުމަށް އެފަދަ ޖަމިއްޔާތަކުން ވެސް މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަމެވެ. ސަމީރު އައްލާވީއަކީ ފަލަސްތީނުގެ ހުޅަނގު ބިތަށް އުފަންވެފައިވާ ކުޅަދާނަ ނޫސްވެރިއެކެވެ. އަލްޖަޒީރާގައި މިހާރު މަސައްކަތް ކުރަމުންދާ ސަމީރު އައްލާވީއަކީ މީގެ ކުރިން އިޒްރާއިލުގެ ހަމަލާތަކައި ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ލިއުއްވާފައިވާ ހިތްވަރުގަދަ ލިއުންތެރިއެކެވެ. ސަމީރު އައްލާވީ މިވަގުތު ހުންނެވީ އަލްޖަޒީރާގެ އަފްޣާނިސްތާނު ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައެވެ.
No comments:
Post a Comment