* ޖަލުގައި ތިބޭ ކުށްވެރިންނަށް އަދަބު ދެވެމުންދަނީ އެމީހުން އިސްލާމްދީނާއި އޭގެ އިތުރުން ހެދިފައިވާ ގާނުނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުންނެވެ. އިސްލާމް ދީނުގައި އަދަބު ކަނޑައަޅާފައިވާ ކުށްތައް ކޮށްފައިވާ ކުށްވެރިންގެ ތެރެއިން އެއްވެސް މީހަކަށް، އެމީހަކު ލިބިގަންނަން ޖެހޭ އަދަބަށް އެއްވެސް ވަރެއްގެ ލުޔެއް ދިނުމަކީ އަޅުގަނޑު ތާއިދު ކުރާ ކަމެއް ނޫނެވެ. އެހެނީ އިސްލާމު ދީނުގައި އަދަބު ކަނޑައަޅުއްވާފައިވާ ކަންކަމަކީ މުޅި އުއްމަތަށް އެކަމެއްގެ ސަބަބުން ގެއްލުމާއި ހަލާކު ކަށަވަރުވާ ކަންތައްތަކެވެ. އަދި އެފަދަ ކުށްކުރާ ފަރާތްތަކަށް އަދަބު ދެވެނީ އެފަދަ ކުށްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުމަކުން އުއްމަތް ސަލާމަތް ކުރުމަށާއި އެފަދަ ކުށްތައް ތަކުރާރު ވިޔަ ނުދިނުމަށެވެ. ވީހިނދު މުޖުތަމައުގެ އެހެން އަފުރާދުންނަށް އެކަމުން ފިލާވަޅެއް ދިނުމައްޓަކައި ވެސް އެފަދަ މީހުންނަށް އަދަބު ދެވެން ޖެހޭނެއެވެ.
* ނަމަވެސް ދުނިޔެވީ ކަމެއް ހާސިލު ކުރުމައްޓަކައި ނުވަތަ މުޖުތަމައުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތަކައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ފަރާތްތަކަށް ދެވޭ އަދަބުތައް ލުއިކޮށް މައާފު ދިނުމުގައި އަޅުގަނޑު ދެކޭ ގޮތުގައި މައްސަލައެއް ނެތެވެ. އޭގެ ތެރޭގައި ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންވާ ފަރާތްތަކާއި ޓްރެފިކް ގަވާއިދާއި ހިލާފުވާ ފަރާތްތައް ވެސް ހިމެނިދާނެއެވެ. ނަމަވެސް މިފަދަ ފަރާތްތައް ދޫކުރުމުގައި ވެސް ސަރުކާރުން ޒިންމާދާރު ގޮތެއްގައި އެކަންތައްތައް ކުރިއަށް ގެންދަން ޖެހޭނެއެވެ. އެހެނީ މުޖުތަމައުގެ ރައްކަލައްޓަކައި ހެދިފައިވާ ގަވާއިދުތަކައި ގާނޫނުތަކުގެ ހުދޫދުތައް ހައްދު ފަހަނަޅާދާ މީހާއަކީ މުޖުތަމައަށް އޭނާ ކުރާ އަމަލެއްގެ ސަބަބުން ދެތިން ފަހަރަކު ގެއްލުން ނުލިބުނު ނަމަވެސް އެކަމުގެ ސަބަބުން ކޮންމެވެސް ގޮތަކަށް ގެއްލުން ލިބޭނެ އަމަލު ކުރާ މީހެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި ތަކުރާރުކޮށް އެފަދަ ގާނުނުތަކާއި ގަވާއިދުތަކަށް އަރައިގަންނަ މީހަކަށް މިޕްރޮގުރާމުގެ ދަށުން ލުއި ދެވިގެން ނުވާނެއެވެ.
* ތިންވަނަ ކަމަކީ، މީގެ ކުރިން ވެސް އެކި ނަންނަމުގައި ކުރީގެ ސަރުކާރުން އަދި މިސަރުކާރުންވެސްވަނީ އެކި ބޭނުންތަކަށް މަގުފަހި ކުރުމަށް ކުށްވެރިން ދޫކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ފަހަރަކު ޒިންމާދާރުކޮށް އެމަސައްކަތް ކުރެވިފައެއް ނުވެއެވެ. އަދި އެފަދަ ކޮންމެ ފަހަރަކު މުޖުތަމައުގައި ކުށްތައް އިތުރުވެ އާއްމުން އެތައް ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. މިއީ ދިވެހި ތާރީހު ހެކިވާނެ ކަންކަމެވެ. ވީމާ މީގެ ކުރިން އަމަލު ކުރެވިފައި ހުރި ގޮތަށް މިފަހަރުވެސް އަމަލު ކުރާނެ ނަމަ އޭގެ ތެރެއިން އެކަކުވެސް ޖަލުން ދޫކުރުމަށް އަޅުގަނޑު ހިތްވަރު ނުދޭނަމެވެ. ޖަލުތަކުގައި ކުށްވެރިން އިސްލާހުކޮށް ހެޔޮ މަގަށް އެޅުވުމަށް ރިހެބިލިޓޭޝަން ޕްރޮގުރާމްތައް ހިނގުމާއި ދީނީ ނަސޭހަތް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން ވެސް ޖަލުގައި ހޭދަ ކުރާ މުއްދަތުގައި ކުށްވެރިޔާއަށް އޭނާ ކުރި ކުށުގެ ބޮޑުކަން އިހްސާސް ކުރެވޭނެއެވެ. ނަމަވެސް ހިތާމައަކީ ކުރީ ސަރުކާރުން އަދި މިސަރުކާރުން ވެސް ހިނގާފައިވާ މިފަދަ އެއްވެސް ޕްރޮގުރާމެއް ދައިމީ މަންފާ ހޯދުމަށް ހިނގާފައިނުވާ ކަމެވެ. ދެދުވަހަށް ހިނގާ ރިހެބިލިޓޭޝަން ޕްރޮގުރާމަކީ ރިހެބިލިޓޭޝަން ޕްރޮގުރާމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ވީމާ ރިހެބިލިޓޭޝަން ޕްރޮގުރާމްތަކަކީ ވެސް ދާއިމީ ގޮތުގައި ހިނގޭ އޭގެ ސަބަބުން މަންފާ ކުރާ ޕްރޮގުރާމަކަށް ހެދުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަމެވެ. ރާއްޖޭގެ ޖަލުތަކަކީ އެތަންތަނުގައި ބޮޑެތި މައްސަލަތައް ހުރި އެތައް ތަނަކުން އިސްލާހު ކުރަން ޖެހިފައިވާ ޖަލުތަކެކެވެ. ޖަލުގައި ތިބޭ ކުށްވެރިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.
* ބާރު އޮތީތީ ކޮންމެ ކަމެއްވެސް މިހާރު ކުރެވިދާނެއެވެ. ނަމަވެސް ހަދާން ކުރާށެވެ. މިއަދު އެކަމަށް ޒިންމާވާން ނުޖެހުނަސް، އެބާރު އޮތް ދުވަހު އަމަލު ކުރި ގޮތާއި މެދު އާހިރުގައި މާތްﷲ ހިސާބު ބައްލަވާނެއެވެ. ވީމާ ކުރާ ކޮންމެ ކަމަކީ އޭގެ ސަބަބުން މަންފާ ލިބެނިވި ގޮތަށް އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް ވެސް މަގުފަހިވާ ގޮތަށް ކުރެވޭ ކަމަކަށް ހެދުމަށް އަޅުގަނޑު ގޮވާލަމެވެ.
والحمد للّـه.
No comments:
Post a Comment