ރިޕޯޓު އެއްކޮށް ކިޔައި ނިމުމުން އދ އިޒްރާއިލުގެ ކޮޅަށް ވަރަށް ރަނގަޅަށް ލެނބިފައިވާކަން ފާހަގަވެއެވެ. ޣައްޒާއަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށް ޣައްޒާ ހިސާރުކޮށްފައިވާ ކުރުމަކީ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ، އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް އދއިން ބުނެފައިވެއެވެ. އަދި މައްސަލަ އޮއްބާލުމަށާއި، އިޒްރާއިލުން ކުރި ކަންތައްތައް ފޮރުވަން ދޮގު ހަދާ އޮޅުވާލާ ފޭކް ވީޑިއޯތައް ބޭނުން ކޮށްފައިވާކަން ވެސް އދގެ ރިޕޯޓުން އެނގެއެވެ.
މީގެ އިތުރުން ފަލަސްތީނަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ބޯޓުތަކުގައި އިސްކޮށް ތިބި ފަރާތްތަކާއި ދަތުރު އޮގަނައިޒް ކުރި ފަރާތްތައް އދއިން ވަރަށް ބޮޑަށް ކުށްވެރިކޮށް ފާޑު ކިޔާފައިވެއެވެ. ރިޕޯޓު ކޮންކުލޫޝަން ބައިގައި އެފަދައިން ފަލަސްތީނަށް އެހީތެރިވުމަށް އިތުރަށް މަސައްކަތް ނުކުރުމަށް ސީދާ ބަންކީ މޫން ލަފާދޭ ކަމަށް ބުނެފައިވެއެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ޖަމާއަތްތައް އދގެ ރިޕޯޓުގައި ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ. އދގެ މިފަދަ ނިންމުންތަކުގެ ސަބަބުން އދ ފަދަ ބައިނަލް އަގުވާމީ ޖަމިއްޔާތަކަކީ މުސްލިމުންގެ ހަލާކަށް ފާޅުގައި މަސައްކަތް ކުރަމުންދާ ތަންތަންކަން ހާމަވެއެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން އެއްވެސް ތަނެއް ހިސޯރު ކުރުމަކީ ހަނގުރާމަވެރި އަމަލެކެވެ. ބައިނަލް އަގުވާމީ އުސޫލުތައް ބުނާ ގޮތުން، އެސަރަހައްދެއްގެ މީހުން އިންސާނީ ހައްގުތަކުން މަހުރޫމްވާ ގޮތަށް އެއްވެސް ސަރަހައްދެއް ބަންދު ކުރުމަކީ ގާނޫނާއި ހިލާފު ކަމެކެވެ. އަދި އެފަދަ ބަންދެއްގެ ސަބަބުން އެބަންދު ކުރި ފަރާތަށް ލިބޭ ރައްކާތެރިކަމާއި ހިމާޔަތަށް ވުރެ އަނެކުންނަށް ލިބޭ ގެއްލުން ބޮޑު ނަމަ އެއީ ގާނޫނީ ކުށެކެވެ.
ކޮންމެ ގޮތަކުން ބެލި ނަމަވެސް ފަލަސްތީނުގެ ޣައްޒާ ބަންދުކޮށްފައި އޮތްއޮތުމަކީ ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާއި ވެސް ހިލާފަށް އިޒްރާއިލުން ކޮށްފައިވާ ކަމެކެވެ. ނަމަވެސް އިޒްރާއިލުގެ މިފަދަ އެއްވެސް އަމަލެއް ހުއްޓުވުމަށް އދއިން އެދެވޭ މަސައްކަތެއް ނުކުރާ މައްސަލައަކީ މުސްލިމު ގައުމުތަކުން ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެކެވެ.
ޣާއްޒާއަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ބޯޓުތަކަށް ހަމަލާދީ އިޒްރާއިލުން ހިނގި ޖަރީމާ ތަހުގީގު ކުރުމަށްފަހު އދއިން އެކުލަވާލާފައިވާ ރިޕޯޓުގެ ކޮޕީ ތިރީގައި މިވާ ލިންކުން ފެންނަން ހުންނާނެއެވެ.
No comments:
Post a Comment