މަޖިލީހުގެ ގަވާއިދުގެ ސަތޭކަ ދިހަވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ރައީސް ފިޔަވައި ކޮންމެ މެމްބަރަކީ ވެސް ކޮންމެވެސް އެއް ކޮމިޓީއެއްގައި މަސައްކަތް ކުރަން ޖެހޭނެ މެމްބަރެކެވެ. ގަވާއިދުގައި މިގޮތަށް ބަޔާންކޮށްފައި އޮތުމުގެ މާނައަކީ މަޖިލީހުގެ ކޮންމެވެސް އެއްކޮމިޓީއެއްގައި މަސައްކަތް ކުރުމަކީ، ވަޒީފާގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް ފިޔަވައި ކޮންމެ މެމްބަރަކު ވެސް އަދާ ކުރައްވަން ޖެހޭ ޒިންމާއެއް ކަމެވެ. ވީމާ ކޮމިޓީގައި މެމްބަރުން އަދާ ކުރައްވާ ޒިންމާއަށް އިތުރަށް ފައިސާ ދޭން ޖެހޭ ކަމާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދެއެވެ.
ކޮމިޓީ އެލަވަންސްގެ ގޮތުގައި ވިހިހާސް ރުފިޔާ ކޮންމެ މެމްބަރަކަށް ނަންގަވާ، މިއަހަރުގެ ފާއިތުވެ ދިޔަ ތަނަށް ވާ އެލަވަންސް( 140000 ރ)އެއްފަހަރާ ނެންގެވުމަށް ނިންމެވި ނިންމެވުމަކީ މަޖިލީސް މެމްބަރުން ނިކަމެތި ރައްޔިތު މީހާއައި ރާއްޖޭގެ އިގްތިސާދައި މެދު ނުވިސްނާ ކަން ހާމަކޮށްދޭ ކަމެކެވެ. ދައުލަތުގެ މިފަދަ މަގާމެއްގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ކަނޑައަޅަން ޖެހޭނީ ދައުލަތަށް ލިބޭ އާއްމުދަނީއާއި ގައުމުގެ އުފެއްދުންތެރިކަމާއި، އިގްތިސާދީ ހާލަތަށް ބެލުމަށްފަހުއެވެ. ނަމަވެސް މުސާރައިގެ(62000 ރ) އިތުރުން ވިހިހާސް ރުފިޔާ ނެންގެވުމަށް މަޖިލީހުގެ މެމްބަރުން ނިންމާފައިވަނީ މުޅި ގައުމު އިގުތުސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ދެވަނަ ކަމަކީ މަޖިލީހުގެ މެމްބަރުން އެމެމްބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާ ކަމަށް ބުނާ ބުނުމެވެ. މަޖިލީސް މެމްބަރުންގެ ޒިންމާއަކީ ހަމަހަމަ އިންސާފުވެރި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށް ދެވޭނެ ފަދަ ގާނޫނުތައް ފާސްކުރުމުވެ. ވީހިނދު ގާނޫނީ އިމުގެ ބޭރުން މެމްބަރުން އެބޭފުޅުންގެ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް މާލީ އެހީތެރިކަން ދޭން ޖެހޭ ކަމަށް ބުނާ ބުނުމަކީ ކޮމިޓީ އެލަވަންސް ނެގުމަށް މެމްބަރުންނަށް ދެއްކޭނެ އުޒުރެއް ނޫނެވެ. ކޮމިޓީ އެލަވަންސް ނެގުމަށް މަޖިލީހުގެ މެމްބަރުން ނިންމުމާއި ގުޅިގެން އުފެދުނު އަނެއް މައްސަލައަކީ ކޮމިޓީ އެލަވަންސްގެ ގޮތުގައި ނަގާ ވިހިހާސް ރުފިޔާ ދާއިރާގެ މެމްބަރުންނަށް ބެހުމަށް ނިންމާ އެވާހަކަ ފާޅުގައި މެމްބަރުން އިއުލާން ކުރައްވަމުން ގެންދެވުމެވެ. ޑިމޮކްރަޓިކް ވެއްޓެއްގައި މެމްބަރުންގެ މިނިންމުމަކީ ވެސް އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. ސަބަބަކީ ފައިސާ ދީގެން ވޯޓު ގަތުމުގެ ސަގާފަތެއް ޒަމާނުއްސުރެ އަށަގެންފައިވާ މުޖުތަމައެއްގައި އިތުރަށް އެފަދަ އަމަލުތަކަށް މެމްބަރުންގެ މިނިންމުމުގެ ސަބަބުން މަގުފަހިވެގެން ދިއުމެވެ. މެމްބަރުންގެ މިނިންމުމަކީ ކޮރަޕްޝަނަށް މަގިފަހިކޮށްދޭ އަމަލެއް ކަމަށް ވެސް ބެލެވިދާނެއެވެ. އަދި މިއުސޫލުން މެމްބަރުން އަމަލު ކުރައްވައިފި ނަމަ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މިހާރު ތިއްބެވި މެމްބަރުންގެ ނުފޫޒު ގަދަވެ، ވާދަ ކުރައްވާ އެހެން ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ކުރުމުގައި އެތައް ގޮންޖެހުމެއް ކުރިމަތިވެގެން ދާނެއެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި ވިހިހާސް ރުފިޔާ ނެގުމަށް ނިންމާފައިވީ ނަމަވެސް ބައެއް މެމްބަރުން އެކަމާއި ދެކޮޅު ހައްދަވަމުން ވަޑައިގެންނެވުމަކީ އުފާކުރަން ޖެހޭ ކަމެކެވެ. އެމެމްބަރުންނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
No comments:
Post a Comment