މައުލޫމާތު ލިބިފައިވާ ގޮތުގައި އަންވަރު އަވްލަކީ އަވަހާރަކޮށްލާފައިވަނީ ޔަމަނުގެ ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ޔަމަންގެ މެދުތެރޭގެ އަވަށެއް ކަމަށްވާ އަލްޖައުފުގައެވެ. ސާޅީސް އަހަރުގެ އެމެރިކާއަށް އުފަން މުޖާހިދު އަވަހާރަވެފައިވަނީ، އެމެރިކާގެ ޑްރޯންތަކުން އޭނާ ދުއްވަމުން ދިޔަ ވެހިކަލަށް ދިން ހަމަލާތަކެއްގައެވެ. ވެރިރަށް ސަންނާއާއި ސަތޭކަ ސާޅީސް ކިލޯމީޓަރު ދުރުގައި އަލްގައިދާގެ އިސްވެރިންތަކެއް ދަތުރުކުރަމުން ދިޔަ ދެ ވެހިކަލަކަށް އަމާޒުކޮށް ދިން މިހަމަލާތަކުގައި، އިތުރު ހަތަރު މީހަކުވެސްވަނީ މަރުވެފައި. އޭގެ ތެރޭގައި، އަލްގައިދާގެ އިންސްޕައަރ މެގަޒިންގެ ކޯ އެޑިޓަރ ސާމިރު ހާން ވެސް ހިމެނެއެވެ. ސާމިރު ހާންއަކީ ޕާކިސްތާނީ ނަސްލުގެ އެމެރިކާ ރައްޔިތެކެވެ. އަންވަރު އަވްލަކީ އަވަހާރަކޮށްލެވިފައިމިވަނީ، އޭނާ މަރާލުމަށް ނުވަތަ ހައްޔަރު ކުރުމަށް ހުއްޓާނުލާ އެއްއަހަރު ދުވަސް ވަންދެން އެމެރިކާއިން ހިނގި އޮޕަރޭޝަންތަކެއްގައެވެ. މީގެ ކުރިން، ތިންފަހަރެއްގެ މަތިން ސީދާ އަންވަރު އަވްލަކީއަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ. ދެހާސް ދިހަވަނަ އަހަރުގެ މޭމަހުގެ ފަސްވަނަ ދުވަހުއާއި ޑިސެމްބަރު މަހުގެ ތެރޭގައި ދެވުނު ހަމަލާތަކެއް ހިމެނެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދިން ހަމަލާއަށްފަހު އަންވަރު އަވްލަކީ އަވަހާރަވި ކަމަށް ޔަމަންގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ. އަންވަރު އަވްލަކީ އަވަހާރަވީ އިރު، އޭނާގެ ފަސް ބޭކަލުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެމެރިކާއިންވަނީ ދެހާސް ދިހަވަނަ އަހަރު އޭނާގެ ހުރިހާ މުދަލަކާއި ފައިސާއެއް ހިފަހައްޓާފައެވެ.
No comments:
Post a Comment